sent us your feedback.
އަދި ބިމުގައި ތިމަންރަސްކަލާނގެ އެއުރެންނަށް ވެރިކަން ދެއްވުމަށެވެ. އަދި فرعون އާއި، هامان އާއި، އެ ދެމީހުންގެ لشكر އަށް، އެއުރެން ބިރުގަންނަ ކަންތައްތައް، އެ ނިކަމެތި މީހުންގެ ފަރާތުން ދެއްކެވުމަށްޓަކައެވެ. 6
އަދި ތިމަންރަސްކަލާނގެ موسى ގެފާނުގެ މަންމައަށް إلهام ކުރެއްވީމެވެ. ކަމަނާ އެކަލޭގެފާނަށް ކިރުފޮދު އަރުވާހުށިކަމެވެ! ފަހެ، ކަމަނާ އެކަލޭގެފާނުގެ މައްޗަށް ބިރުފުޅުގެންފިނަމަ، އެކަލޭގެފާނު (ފޮށްޓަކަށް ލައްވައިފައި) ކޯރުގެ ތެރެއަށް އެއްލަވާހުށިކަމެވެ! އަދި ކަމަނާ ބިރުފުޅު ނުގަންނާށެވެ! އަދި ހިތާމަވެސް ނުކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަލޭގެފާނު ކަމަނާއަށް ރައްދުކުރައްވާހުށީމެވެ. އަދި އެކަލޭގެފާނު رسول ންގެ ތެރެއިން ލައްވާހުށީމެވެ. 7
ފަހެ، فرعون ގެ أهل ވެރިން، އެކަލޭގެފާނު (އޮޔާދަނިކޮށް) ހޮވައި ނެގިއެވެ. އެއީ އެކަލޭގޭފާނު އެއުރެންނަށްހުރި عدوّ އަކަށް، އަދި ހިތާމައަކަށް ވުމަށްޓަކައެވެ. ހަމަކަށަވަރުން، فرعون އާއި، هامان އާއި، އެ ދެމީހުންގެ لشكر ވީ ކުށްވެރިން ކަމުގައެވެ. 8
އަދި فرعون ގެ އަނބިކަމަނާ ވިދާޅުވިއެވެ. (އޭނާއަކީ) ތިމަންނާއަށާއި، ކަލެޔަށްވާ ލޮލުގެ ފިނިކަމެކެވެ. ތިޔަބައިމީހުން އޭނާ قتل ނުކުރާށެވެ! އޭނާ ތިމަންމެންނަށް މަންފާކޮށްދީފާނެކަން ނޭނގެއެވެ. ނުވަތަ ތިމަންމެން އޭނާއަކީ ދަރިއަކު ކަމުގައި ހަދާނީއެވެ. އަދި އެއުރެންނަކަށް (އޭގެ ނަތީޖާއެއް) ނޭނގެތެވެ. 9
އަދި موسى ގެފާނުގެ މައިކަމަނާގެ ހިތްޕުޅު (موسى ގެފާނު ފިޔަވައި އެހެން ހުރިހާ ކަމަކުން) ހުސްވެގެންވެއެވެ. ތިމަންރަސްކަލާނގެ އެކަމަނާގެ ހިތްޕުޅަށް ގަދަކަން ނުދެއްވިނަމަ، އެ ދަރިކަލުންގެ ކަންތައް އެކަމަނާ ފާޅުކުރައްވައިފީހެވެ. (އެއީ ހަރުދަނާ) مؤمن ންގެ ތެރެއިން އެކަމަނާ ވެވަޑައިގަތުމަށްޓަކައެވެ. 10
އަދި އެކަމަނާ موسى ގެފާނުގެ أخت އަށް ވިދާޅުވިއެވެ. އޭނާ (އޮޔާދާތަން ބަލަމުން) ފަހަތުންގޮސް ބަލާށެވެ! ފަހެ، އޭނާ ދުރުގައި ހުރެގެން އެހެންމީހުންނަށް ނޭނގޭގޮތުން އެކަލޭގެފާނަށް ބަލަމުންދިޔައެވެ. 11
އަދި އޭގެކުރިން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (އެކަލޭގެފާނުގެ މައިކަމަނާ މެނުވީ) އެހެން ކިރުމައިން حرام ކުރެއްވީމެވެ. ދެން އެކަލޭގެފާނުގެ أخت ބުންޏެވެ. ތިޔަބައިމީހުންނަށްޓަކައި، އޭނާ ބަލަހައްޓައިދޭނެ ގެއެއްގެ أهل ވެރިން ތިޔަބައިމީހުންނަށް ތިމަން ދައްކަންހެއްޔެވެ؟ އަދި އެއުރެން އޭނާ ރަނގަޅަށް ބަލަހައްޓާނެތެވެ. 12
ފަހެ، ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ މައިކަމަނާއަށް އެކަލޭގެފާނު ރައްދުކުރެއްވީމެވެ. އެއީ އެކަމަނާގެ ލޯފުޅަށް ފިނިކަން حاصل ވުމަށްޓަކައެވެ. އަދި އެކަމަނާ ހިތާމަ ނުކުރެއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ، حق ތެދުކަން އެކަމަނާ ދެނެގަތުމަށްޓަކައެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް އެކަމެއް ނޭނގެތެވެ. 13